Monday, April 15, 2019

އަދަބިއްޔާތު

މިއީ އެސް.އެސް.ސީ އިމްތިހާނަށް ތައްޔާރުވާ ދަރިވަރުންނަށް ދަސްކުރުމަށްޓަކައި ދެވިދާނެ އަދަބިއްޔާތުގެ ސުވާލާއި ޖަވާބު ކަރުދާހެކެވެ.
އަދަބުގެ ތަޢާރަފް (ސުވާލާއި ޖަވާބު)

1- ދިވެހި ލިޔުންތެރިކަން ބެހިފައިވާ ދައުރުތަކަކީ ކޮބައިހެއްޔެވެ؟
ޖ. އެއީ ޅަފަތުގެ ދައުރާއ، ފިރުކެންފެށި ދައުރާއި، ހިނގައިގަނެވުނު ދައުރެވެ.

2- ލިޔުންތެރިކަމުގެ ޅަފަތުގެ ދައުރުގައި، ލިޔުންތެރިކަމާއި އަދަބަށް ޚިދުމަތްކުރުން އޮތީ ކިހިނެއްހެއްޔެވެ؟
ޖ. ލިޔުންތެރިކަމުގެ ޅަފަތުގެ ދައުރަކީ ދިވެހި އެންމެ މުސްކުޅި ޒަމާނެވެ. މިދުވަސްވަރުގެ ލިޔުންތައް އެކެއްގެ އަތުން އަނެކެއްގެ އަތަށް ދަނީ ދޫދޫމަތިންނާއި އަތުން ލިޔެގެންނެވެ.

3- ލިޔުމްތެރިކަމުގެ ޅަފަތުގެ ދައުރުގައި ޚިދުމަތްކުރެއްވި ދެ ޚިދުމަތްތެރިއެއްގެ ނަން ލިޔޭ!
ޖ. ބަނޑޭރި ޙަސަން މަނިކުފާނާއި އެދުރު އުމަރު މާފަތްކަލޭފާނެވެ.

4- ޅަފަތުގެ ދައުރުގެ ލިޔުންތަކުން އެންމެ ފަހަގަކުރެވޭ 3 ކަމެއް ލިޔޭ!
ޖ. ބޯދާބަސްތައް ގިނަވުމާއި، ޖުމްލަތަކުގެ ނިމުން "ހުށި" "މެއަ" ފަދަ އަކުރުތަކަށް ނިމފައިހުރުމާއި، ޖުމްލަތައް ދިގުކަމުން ބުނަން އުޅޭ އެއްޗެއް ދޭހަވާން އުނދަގޫވުން.

5- ބަނޑޭރިހަސަން މަނިކުފާނުގެ "ދިޔޯގެ ރައިވަރު" ގެ މައިގަނޑު ހާދިސާއަކީ ކޮބައިކަން ބަޔާންކުރާށެވެ!
ޖ. އެފޮތުގައިވަނީ ދެއަންހެނެއްގެ ދެމެދުގައި ހިނގި ޚިޔާލީ ހަނގުރާމައެއްގެ ވާޙަކއެވެ. އެއީ އިންޑިޔާގެ ދަކަނުގައި ލަކަނޫގައި އިންނެވި ދިޔޯއަކާއި އެފްރިކާގެ މުސިންބީ (މޮޒަންބީކް)
ގައި އިންނެވި ދިޔޯއެކެވެ.

6- ދިވެހި ލިޔުންތެރިކަމުގެ ތިން ދައުރުގެ ތަފާތު އެންމެ ބޮޑަށް ފެންނަނީ ކޮންކަމަކުން ހެއްޔެވެ؟
ޖ. ލިޔުންތައް އިބާރާތް ކޮށްފައި ހުންނަގޮތުންނެވެ. / ޢިބާރާތްކުރުމުންނެވެ.

7- ލިޔުންތައް ޗާޕްކުރަންފެށީ ލިޔުންތެރިކަމުގެ ކޮން ދައުރެއްގައި ހެއްޔެވެ؟
ޖ. އެއީ ލިޔުންތެރިކަމުގެ ފިރުކެންފެށި ދައުރުގައެވެ.

8- ލިޔުންތެރިކަމުގެ ފިރުކެންފެށި ދައުރުގެ ތިން ޚިދުމަތްތެރިއެއްގެ ނަން ލިޔާށެވެ!
ޖ. ނާއިބުތުއްތު، ހުތްއަލިދީދީ، ޙުސައިން ޞަލާހުއްދީން

9- ދިވެހިބަހުން އެންމެ ފުރަތަމަ ލިޔުނު ދިގު ވާހަކައަކީ ކޮބައިހެއްޔެވެ؟ އަދި އެފޮތުގެ މުސައްނިފަކީ ކޮބައިހެއްޔެވެ؟
ޖ. ރިވާޔަތު މޫސާ ވަޒުލައިޚާއެވެ. ލިޔުއްވީ އަޙުމަދު ކާމިލް ދީދީއެވެ.

10- ކީރިތި ރަސޫލާގެ ސިޔަރަތު / ސީރަތުއް ނަބަވިއްޔާ ދިވެހި ބަހަށް ތަރުޖަމާ ކުރެއްވީ ކޮން ބޭފުޅެއް؟
ޖ. އައްޝައިޚް ޙުޞައިން ޞަލާޙުއްދީނެވެ.

11- ތިންބަހާއި ހަބަހުގެ މައްޗަށް ރައިވަރުގެ ހަމަ ހިފެހެއްޓެވީ ކޮން ބޭފުޅެއް ހެއްޔެވެ؟ އަދި އެހަމަތަކަށް ފައްތައިގެން އެންމެ ފުރަތަމަ ލިޔެވުނު ރައިވަރު ފޮތުގެ ނަމަކީ ކޮބާ؟
ޖ. އެދުރު އުމަރު މާފަތްކަލޭފާނެވެ. ފޮތުގެ ނަމަކީ ބޮޑު ތައުހީދެވެ.

12- ރައިވަރުގެ ހަމަތައް ތިންބަހާއި ހަބަހުގެ މައްޗަށް ހިފެހެއްޓެވުމުގެ ކުރިން ރައިވަރު ހުންނަނީ ކިހިނެއްހެއްޔެވެ؟
ޖ. އޭގެ ކުރިން ރައިވަރު ހުންނަނީ ބައިބަޔަށެވެ. ބަސްތަކުގެ އަދަދަކަށް ވަކިވަރެއް ނޯވެއެވެ. އެމީހަކަށް ފެންނަވަރަކަށް ބަސްތައް ހިމަނަމުން ދިޔައީއެވެ.

13- ރައިވަރަކީ ޒަމާނުއްސުރެ ދިވެހީންގެ ހިތުގައި ވަރަށް ޚާއްސަ ގަދަރަކާއި ލޯތްބެއް އެއަށް ދެވިފައިވާ އެއްޗެކެވެ. ނަމަވެސް އެކަން ކުޑަވެގެން ދިޔަ ދުވަސްވަރެއް އައެވެ. އެހެންވީ ކީއްވެ ހެއްޔެވެ؟
ޖ. އެއީ އެއްބަނޑު އެއްބަފާ މީހުންނާއި ގާތްތިމާގެ މީހުންގެ މެދުގައިކިޔަން ހެޔޮނުވާ ފާޑުގެ ރައިވަރުތައް (ބެރެކި ރައިވަރުތައް) ހަދައިގެން ކިޔަން ފެށީމައެވެ.

14- ލިޔުންތެރިކަމުގެ ހިނގައިގަނެވުނު ދައުރުގައި ހިނގާފައިވާ ޚާއްސަ ކަންތައްތަކަކީ ކޮބައިކަން ބަޔާންކުރާށެވެ!
ޖ. އެއީ ލިޔުންތެރިކަން ފުޅާވެ ތަނަވަސްވެ، ލިޔުންތައް ޗާޕުވެގެން ނުކުންނަމުން ދިޔަ ދުވަސްވަރުވެސް މެއެވެ. އަދި އަދީބުންނާއި ޝާއިރުންނާއި މުޤައްރިރުން އުފެދުނު ދައުރެވެ.

15- ލިޔުންތެރިކަމުގެ ހިނގައިގަނެވުނު ދައުރުގެ ޚިދުމަތްތެރިންގެ ތެރެއިން ފާހަގަކޮށްލެވޭ ތިން ބޭފުޅެއްގެ ނަންލިޔޭ!
ޖ. މުޙައްމަދު އަމީން، މުޙައްމަދު ޖަމީލް ދީދީ. އިބްރާހީމް ޝިހާބު

16- ސުއްކަތުރާ ޚަބަރު، ސިއްކަމޮހޮރީ، މޮފޮތްތަކުގެ މުޞައްނިފަކީ ކޮންބޭފުޅެއް ހެއްޔެވެ؟
ޖ. ނާއިބު ތުއްތުއެވެ.

17- ދިވެހިބަހުން އެންމެ ފުރަތަމަ ލިޔެވުނު ބަހުގެ ގަވާއިދު ފޮތަކީ ކޮބާ؟ އަދި އެފޮތުގެ މުސައްނިފަކީ ކޮންބޭފުޅެއް؟
ޖ. ތަގްވީމުއްލިސާނި އެވެ. ލިޔުއްވީ ނާއިބު ތުއްތުއެވެ.

18- ދިވެހި ކާބަފައި އަދީބުންގެ ލިޔުއްވުންތަކަށް ބަލާއިރު، މިޒަމާނުގެ ވައްތަރު ފުރަތަމައިން ފެންނަންފެށީ ކޮންބޭފުޅެއްގެ ލިޔުއްވުންތަކަކުން ހެއްޔެވެ؟
ޖ. ނާއިބު ތުއްތުގެ ލިޔުއްވުންތަކުންނެވެ.

19- "ޒުހުރުލް ކަމާލާތި ފީ އަޙްކާމިލް އިބާދާތި" މިފޮތުގެ މުސައްނިފަކީ ކޮން ބޭފުޅެއްހެއްޔެވެ؟
ޖ. އަލްޙަތީބު ޢަލީ އެދުރު ތަކުރުފާނެވެ.

20- "ތުހުފަތުލް ވުލާތު" މިފޮތް ލިޔުއްވީ ކޮން ބޭފުޅެއް ހެއްޔެވެ؟
ޖ. އައްޝައިޚް އަހްމަދު ހާޖީ އެދުރު ކަލޭގެފާނެވެ.

21- އައްޝައިޚް އަޙްމަދު ޙާޖީ އެދުރުކަލޭފާނު، ދުޢާތަކާއި ޒިކުރުތަކެއްގެ މައްޗަށް އެކުލެވޭ ފޮތެއް 1133ހ ހާތާނގައި އެކުލަވައިލެއްވިއެވެ. އެ ފޮތުގެ ނަމަކީ ކޮބައިހެއްޔެވެ؟
ޖ. ތުޙުފަތުލް ވުލާތި ފިލް އަޒްކާރި ވައްދަޢުވާތިއެވެ. (ތުޙުފަތުލް ވުލާތި)

22- ބޮޑުތައުހީދުގައި ހުރީ ކޮންކަހަލަ ވާޙަކަތަކެއް ހެއްޔެވެ؟
ޖ. އެފޮތުގައިވަނީ ޤިޔާމަތް މަޙުޝަރުގެ ވާހަކައާއި މަލާއިކަތުންގެ ވާހަކައެވެ.

23- ޖުމްލަތަކުގެ ނިމުން ހުށި، މެއަ، ފަދަ އަކުރުތަކަށް ނިންމާފައިހުރީ ލިޔުންތެރިކަމުގެ ކޮން ދައުރެއްގައި ހެއްޔެވެ؟
ޖ. ލިޔުންތެރިކަމުގެ ޅަފަތުގެ ދައުރުގައެވެ.

24- ދިވެހި ބަހުގެ ލިޔުންތެރިކަމަށްބަލާއިރު ކުރީގެ ލިޔުންތަކާއި މިޒަމާނުގެ ލިޔުންތަކާހުރި މުހިންމު 3 ތަފާތެއް ލިޔޭ!
ޖ. 1. މިޒަމާނުގެ ލިޔުންތަކުގައި ބޯދާބަސްތައް ނެތުން
2. މިޒަމާނުގެ ލިޔުންތަކުގެ ޖުމްލަތައް ކުރުކަން





No comments:

Post a Comment