Monday, April 15, 2019

ކިޔުމުގެ ދޭހަ

ކިޔުމުގެ ދޭހައަކީ ލިޔުމަކުން ކޮށްފައިވާ ސުވާލުތައް ދީފައިވާ ދޭހައިގެ އެހީގައި ޖަވާބު ދިނުމެވެ. 
ތިރީގައި އެވަނީ ގުރޭޑް 9ގެ ދަރިވަރުންނަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ކިޔުމުގެ ދޭހައެކެވެ. 

ދޭހައިގެ ލިޔުން: 

ބޮލުގައި އަޅާފައި ތިއޮތީ މޭޒުގައި އަޅާ ފޮތިގަނޑެއްތަ؟ " ކްލާސް ކުއްޖެއް"
ޅޮހީ ޢަބްދުއްރަޙީމު މަނަދޫގެ
1. ސުކޫލުބަންދަށްފަހު އަލުން ސްކޫލަށްދެވޭ ދުވަހަކީ ކޮންމެ ކުއްޖަކުވެސް ވަރަށް އުފާވާނެ، ހަނދާނުން ފުހެލަން ދަތިވާނެ ދުވަހެކެވެ. އަހަރެންވެސް މިކަމުގައި އެއްވެސް  ތަފާތެއް ނެތެވެ. އެކަމަކު އަހަރެން މިފަހަރު ހަމަ އެކަނި އާ ތަޢުލީމީ އަހަރެއް، އާ ސްކޫލެއްގައި ފަށަނީއެއް ނޫނެވެ. އަހަރެންގެ ދިރިއުޅުމުގެ އާ ޞަފްޙާއެއްވެސް އަހަރެން ފަށަނީއެވެ.  އެއީ އަހަރެން މެދު މަދަރުސީ ތަޢުލީމުގެ ހަމައެކަނި ފެށުމެއްނޫނެވެ. ހަމައެޔާއެކުގައި އަހަރެން  ބޮޑުވެ، ތަޞައްރަފު ފުދިފައިވާ އަންހެންކުއްޖެއްގެ ދައުރުވެސް ފަށަނީއެވެ.
2. ހޯމަ ދުވަހުގެ ހެނދުނު އަހަރެން ސުކޫލަށް ދިޔުމަށް ޓަކައި ހޭލައިފީމެވެ. ސްކޫލަށް ދާހިތުން އެރޭ ރަނގަޅަށް ނުވެސް ނިދުނެވެ. ހީވަނީ ބަނޑުގައި ކޮކާ އުދުހޭ ހެންނެވެ. މިހާރު މިއޮތީ އަހަރެން އިންތިޒާރުކުރި ބޮޑު ދުވަސް އައިސްފައެވެ. އަހަރެން އަވަހަށް ހެދުން އަޅާލައިފީމެވެ. އަދި އަހަރެން ފަޚުރުވެރިކަމާއެކު އަހަރެންގެ ލޯބިލޯބި ކަޅު ބުރުގާ ނަގައި ބޮލުގައި އަޅާލީމެވެ. ލޯގަނޑަށް ބަލާލުމުން އަހަރެންނަށް ލިބުނު އުފާވެރިކަން ބަޔާންކުރަން ދައްޗެވެ. އުފަލުން އަހަރެން ފުރުނު ކަހަލައެވެ. ސްކޫލުގެ އާ އަހަރު، އާ ބުރުގާއަކާއެކު، އަހަރެންނަށް އަހަރެން ފެންނަނީ ވަރަށް އުއްމީދީކޮށެވެ. މަންމައަށް ސަލާމްކުރުމަށްފަހު ހިނގައިގަތުމުން މަންމަ އަހަރެންނަށް ލޯބި ކޮށްލުމަށްފަހު އެޔޮދުޢާކޮށް ދިނެވެ.
3. އެހާ ފަތިހާ ހޭލުމާއެކު ވެސް އަހަރެންނަށް ސްކޫލަށް ދެވުނީ ގަޑި ޖެހިގެންނެވެ. އަވަސް އަވަހަށް ފުރަތަމަ ގަޑިއޮތް ކްލާހާ ދިމާއަށް ދުއްވައިގަތީމެވެ. އެތައް އިރެއްގެ މަސައްކަތުން އަހަރެންނަށް ސައިންސް ކުލާހާ ހިސާބަށް ދެވިއްޖެއެވެ. ކުށްވެރިއެއްފަދައިން ކުލާހަށް ބޯ ދިއްކޮށްލައި، ބަލައިލީމެވެ. ކުލާހުގައި ހުރިހާ ކުދިންވެސް  ވަރަށް މަޑުމައިތިރި ކަމާއެކު އިށީނދެ ތިއްބެވެ. ކުލާހުގައި ހުންނެވި މުދައްރިސް ވަރަށް އޯގާތެރިކަމާއެކު ބޭނުން ތަނެއްގައި އިށީނުމަށް އިޝާރާތް ކުރެއްވިއެވެ. އަވަސް އަވަހަށް ހުސްގޮނޑިޔަކަށް ހޯރައެއް އައިނަކަށް ޖެހިގަންނަހެން ޖެހިގަތީމެވެ.
4. އިށީނުމަށްފަހު މުދައްރިސް ދައްކަވަމުން ގެންދެވި ވާހަކަ ފަރުވާތެރިކަމާއެކު އަޑު އެހޭތޯ މަސައްކަތް ކުރަން ފެށީމެވެ. އެވަގުތު ބައެއްކުދިން ވައިއަޑުން ވާހަކަތަކެއް ދައްކާ އަޑު އިވެންފެށިއެވެ. އަދި ކޮންމެވެސް ވަރަކަށް ހޭއަޑުވެސް އިވެން ފެށިއެވެ. އެކުދިން ދައްކާ ވާހަކަތަކަށް ސަމާލުކަން ނުދީ އަހަރެން ބެލީ މުދައްރިސް  ދައްކަވަމުން ގެންދެވި ވާހަކަތަކަށް ސަމާލުކަން އިތުރުކުރެވޭތޯއެވެ. ފަހަތުގައިތިބި ދެކުދިން ދައްކަމުން ދިޔަ ވާހަކަތައް ވަރަށް ސާފުކޮށް އަޑުއިވެންފެށިއެވެ. " އޭނާގެ ބޯމަތީގައި އެ އޮތީ މޭޒުމަތީގައި އަޅާ ފޮތިގަނޑެއްތަ؟ ނޫނީ އަތްފޮހޭ ތުވާއްޔެއްތަ؟" ދެންއިން ކުއްޖާ އެޔަށް ޖަބާބުދޭން ފެށިއެވެ. " އާން ވެދާނެ. ދެން ހާދަ ހަޑިޔޭދޯ" އެވަގުތު އެކުދިންނާ އެހެން ކުދިންވެސް މަޑުމަޑުން ބައިވެރިވާކަން އެނގުނެވެ. އަހަރެންނަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ. ލޮލުން ކަރުނަ ނިރާލިއެވެ. ހިފަހައްޓައި ލެވުނީ ހަމަ ކިރިޔާއެވެ. މުދައްރިސަށް ކަރުނަތައް ފޮރުވުމަށް ޓަކައި އަހަރެން އިސްދަށަށް ޖެހީމެވެ. އަހަރެންނާމެދު އެކުދިން އެވިސްނަނީ ކޮންގޮތަކަށް ކަމެއް އަހަރެން ނަކަށް ނުވިސްނުނެވެ. އަހަރެންގެ ލޯބިލޯބި އާ ބުރުގާ ހަމަ އެހާ ހަޑީ ހެއްޔެވެ؟ މުސްލިމު އަންހެން ކަނބަލުންގެ ފަޚުރެއް ކަމުގައި ދެކޭ ބުރުގާއަކީ އެހާ ދަށް އެއްޗެއްކަމުގައި އެކުދިން އެދެކެނީ ކީއްވެގެން ހެއްޔެވެ؟ އަހަރެން ބޮޑަށް ވިސްނާވަރަކަށް އަހަރެންގެ ލޮލަށް ޖަމާވަމުން ދިޔަކަރުނަ ތިކިތަކާއެކު ހިތުގައި އުތުރި ގަތީ ރުޅިވެރިކަމެވެ. މި ސުވާލުތަކާއެކު އަހަރެންގެ ސިކުނޑި އޮޅުން ބޮޅުންވާގޮތް ވިއެވެ. ކޮންމެގޮތެއްވިޔަސް އަހަރެން މިދުނިޔެއާ ކުރިމަތިލާން ޖެހޭނެކަން އެނގެއެވެ. އެކަމަކު އަހަރެން ކުލާސް ނިމެންދެން އިނީ އިސްޖަހައިގެންނެވެ. ފަހުގަޑި ނިމެންދެންވެސް އިނީ މިހާލުގައެވެ. ނިމޭ ރަނގަބީލު ހަމަ ޖެހުމުން، މަންމަގެ ޙިމާޔަތުގެ އަތުތެރެއަށް ވަނުމަށް ޓަކައި އަހަރެން ދުއްވައިގަތީމެވެ.
5. އަހަރެން އެ ހުރިހާ ވާހަކަތަކެއް މަންމައަށް ކިޔައިދިނީމެވެ. އޯގާތެރިކަމާއެކު މަންމަ އަހަރެންގެ ބަސްތައް އަޑުއެހުމަށްފަހު އަހަރެންނަށް ނަސޭޙަތްދޭން ފެށިއެވެ. އަހަރެންގެ ދިރިއުޅުމުގައި އަހަރެން އުޅެންޖެހޭނީ ފަރުވާތެރިކަމާއެކުގައި ކަމަށް ބުންޏެވެ. ބޮޑުމީހަކަށް ވެގެން މުޖުތަމަޢަށް ނިކުތުމަކީ ފަސޭހަކަމެއްނޫންކަމަށް ބުނަމުން މަންމަ ކިޔައި ދިނެވެ. މީހުން ދަރިފުޅަށް މަލާމާތްކޮށް ހީނ، މަލާމާތްކޮށް، ބަލައި އަދި ދިމާކޮށްވެސް ހަދާނެއެވެ. އެކަމަކު ދަރިފުޅު ޤަބޫލުކުރާގޮތުގައި ހިފެހެއްޓުމުން މީހުން ހަމައެކަނި ދަރިފުޅު ބަލައިގަންނާނީއެއް ނޫނެވެ. ދަރިފުޅުގެ އަމިއްލަ ނަފުސަށް ދަރިފުޅު އިޙްތިރާމް ކުރާފަދައިން އެމީހުން ދަރިފުޅަށް އިޙްތިރާމްވެސް ކުރާނެއެވެ. ބުރުގާއަޅައިގެން، މުސްލިމުން ނޫޅޭ ޤައުމެއްގައި ތިޔަ ވިހުރުވެނީ މާތް ރަސޫލާ ގެނެސްދެއްވި މަތިވެރި އިސްލާމްދީނުގެ ދިދައެވެ. ތިޔަ ސާބިތުކޮށްދެނީ، އިސްލާމްދީނުގެ ފުރިހަމަކަމާއި އެދީނުގައި އަންހެނުންނަކީ ކިހާ މުހިއްމު ބައެއްކަމެވެ. އިސްލާމްދީނުގެ ހުޅުދާންކޮޅެއްނެތް ޤައުމެއްގައި، ދަރިފުޅަށް ތިޔަ ރޯކުރެވެނީ އިސްލާމްދީނުގެ އަލި ދަންމަރެވެ.
6. މި ބަސްތަކުން އަހަރެންނަށް ހިތްވަރު ލިބުނެވެ. އަހަރެން އިސް އުފުލައި ލީމެވެ. ބުރުގާ އެޅުމުގައި އޮތީ ހަމަ އެކަނި ދެއްކުންތެރި ކަމެއް ނޫންކަމާއި އެއީ އެއަށްވުރެ މަތިވެރި މާތް މަޤުޞަދެއްގައި ކުރެވޭ ކަމެއްކަން އަހަރެންނަށް އިޙްސާސް ކުރެވުނެވެ. އަހަރެންނަށް މަލާމާތްކޮށް، ހީނ ހަދާ ކުދިންނަކީ، އިސްލާމްދީނަށް ނިސްބަތްނުވާ، އިސްލާމްދީން ނުދަންނަ ކުދިންނެވެ. އަހަރެންގެ ސަބަބުން އެކުދިންނަށް އިސްލާމްދީނުގެ މަޢުލޫމާތުތައް ލިބޭނެއެވެ. ކުޑަ ދުވަސްކޮޅަކަށް އަހަރެންނަށް ދަތިތަކެއް ކުރިމަތި ވެދާނެއެވެ. އެކަމަކު ދުވަސްކޮޅަކުން އެ ހުރިހާކަމެއްވެސް ހަމައަކަށް އެޅި، ހުރިހާ ކަމެއް ހަމަޖެހިދާނެއެވެ.
7. ޖެހިގެން އައި ދުވަހު ހެނދުނު ހޭލުމަށްފަހު އަހަރެން ސްކޫލަށް ދާން ތައްޔާރުވެ، އަހަރެންގެ އާ ހުދު ބުރުގާ އަޅައިލީމެވެ. ލޯގަނޑުން ބަލައިލީމެވެ. އަހަރެންނަށް މިކަން ކުރެވޭނެކަމަށް އަމިއްލައަށް ޢަޒުމު ކަނޑައެޅީމެވެ. އަހަރެންގެ ހިތުގައިހުރި ކަންބޮޑުވުންތައް، މަންމަގެ އޯޤާތެރި ބަސްތަކާއި މާތް ރަސޫލާގެ ސުންނަތުން ފިލުވައިދީފިއެވެ. އެދުވަހު އަހަންނަށް އެއްކަމެއް ޔަޤީވިއެވެ. އެއީ ކޮންމެކަމެއްެވެސް ގަދައަޅައި މަސައްކަތްކޮށްފިނަމަ ކުރެވޭނެކަމެވެ.
8. މިހާރު އަހަރެންގެ ކޮލެޖުގެ ކިޔެވުންވެސް މިނިމެނީއެވެ. ފަޚުރުވެރި ކަމާއެކު ކޮންމެ ދުވަހަކުވެސް ބުރުގާ އެބައަޅަމެވެ. ހަމަ އެންމެ ކުރީދުވަހެކޭ އެއްގޮތަށެވެ. ފުރަތަމަ ދުވަހު އަހަރެންގެ ބުރުގާއަށް މަލާމާތްކޮށް ހެދި، ކުދިންނަކީ މިހާރު އަހަރެންމެގެ މި ބުރުގާޔަށް ރުހި، ޤާބޫލު ވެފައި ތިބި ގާތް އެކުވެރިންނެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޙަމްދު ހުއްޓެވެ. އަހަރެންގެ މަސައްކަތަށް އެކަލާނގެ ތައުފީޤު ދެއްވައިފިއެވެ.

މަތީގައިވާ ދޭހައިގެ ލިޔުން ކިޔުމަށްފަހު ސުވާލުތަކުގެ ޖަވާބު ލިޔާށެވެ.
1. ލިޔުންތެރިޔާ، އޭނާގެ ދިރިއުޅުމުގެ އާ ޞަފްޙާއެއް ފަށަނީ ކަމަށް ބުނަނީ ކީއްވެ؟ (2މާރކްސް)
............................................................................................................................................................
............................................................................................................................................................

2. ލިޔުންތެރިޔާ އުއްމީދުކުރި ބޮޑު ދުވަހަކީ ކޮބައި؟ (1 މާރކްސް)
............................................................................................................................................................
............................................................................................................................................................
3. އޭނާ ކުށްވެރިއަކު ފަދައިން ކުލާހަށް ބޯ ދިއްކޮށްލައި، ބަަލައިލީ ކީއްވެ؟ (1މާރކްސް)
............................................................................................................................................................
............................................................................................................................................................
4. އޭނާ ފުރަމަތަ ދުވަހު ކުލާހަށް ވަތްއިރު، ކުލާސްތެރޭގައި ކަންތައް ހުރިގޮތް އެއްޖުމްލައިން ލިޔާށެވެ. (2މާރކްސް)
............................................................................................................................................................
............................................................................................................................................................
5. އޭނާ ދެރަވެ، ހިތުގައި ޖެހުނީ ކީއްވެ؟ (2މާރކްސް)
............................................................................................................................................................
............................................................................................................................................................
6. ލިޔުންތެރިޔާ ފުރަތަމަ ދުވަހުގެ ފުރަތަމަ ކްލާސް ނިމެންދެން އިސްދަށަށް ޖަހައިގެންއިނީ ކީއްވެ؟ (2މާރކްސް)
............................................................................................................................................................
............................................................................................................................................................
..
7. މަންމައަކީ ޙިމާޔަތުގެ އަތެއްކަމަށް ލިޔުންތެރިޔާ މާނަކުރަނީ ކީއްވެގެންކަން އަމިއްލަ ޢިބާރާތުން ލިޔޭ! (2 މާރކްސް)
............................................................................................................................................................
............................................................................................................................................................
8. އޭނާ ޤަބޫލުކުރާގޮތުގައި ހިފެހެއްޓުމުން ކުރާނެ ފައިދާ ތަކެއްކަމަށް މަންމަ ބުނާ ކަންތައް ތަކަކީ ކޮބައި؟ (2 މާރކްސް)
............................................................................................................................................................
............................................................................................................................................................
9. " ކޮންމެގޮތެއް ވިޔަސް އަހަރެން މިދުނިޔެއާ ދުނިޔެއާ ކުރިމަތިލާން ޖެހޭނެކަން އެނގެއެވެ" ލިޔުންތެރިޔާ މިހެން މިހެން މި ބުނަނީ ކީއްވެގެންކަން އަމިއްލަ ޢިބާރާތުން ބަޔާންކުރޭ! (3 މާރކްސް)
............................................................................................................................................................
............................................................................................................................................................

10. ލިޔުންތެރިޔާ ކިޔަވަންދިޔަ ކޮލެޖަކީ އިސްލާމީ ކޮލެޖެއް ނޫންކަން ހާމަކޮށްދޭ ޖުމުލައަކީ ކޮބައި؟ (1މާރކްސް)
............................................................................................................................................................
............................................................................................................................................................
11. ފުރަތަމަ ސްކޫލު ހުޅުވޭ ދުވަހު އޭނާ އުފާވާކަން އަންގައިދޭ ޖުމުލަ ލިޔާށެވެ. (1 މާރކްސް)
............................................................................................................................................................

12. މަންމަގެ ނަސޭހަތުން އޭނާއަށްކުރި ފައިދާއަކީ ކޮބައި؟ (1 މާރކްސް)
............................................................................................................................................................
............................................................................................................................................................
13. " އިސްލާމްދީނުގެ ހުޅުދާންކޮޅެއް ނެތް ޤައުމެއްގައި ދަރިފުޅަށް ތިޔަ ރޯކުރެވެނީ އިސްލާމްދީނުގެ އަލި ދަންމަރެވެ." މި ޖުމުލައިގައި އެ ބުނާ ވާހަކަތައް އަމިއްލަ ޢިބާރާތުން ބަޔާންކުރާށެވެ. (3 މާރކްސް)
.................................................................................................................................................................................................................................................................................................................................
14. ތިރީގައިވާ ލަފުޒުތަކުގެ މާނަ ލިޔާށެވެ. (2 މާރކްސް)
* ނިރާލުން: ...................................... * ދަންމަރު: .............................................
* ޙިމާޔަތް: ....................................... * ދަތި: ................................................
15. ތިރީގައިވާ ލަފުޒުތަކާ ގުޅޭ މާނަ ދޭހައިގެ ލިޔުމުން ހޯދާށެވެ. (2 މާރކްސް)
* ބޭނުންވެގެން އެކަމަކަށް އެދިއެދި ހުރި: (ޕެރެގުރާފު: 2) ..................................
* އަޑުގަދަ ނުވާވަރަށް ސިއްރު ސިއްރުން (ޕެރެގްރާފު:4):   ....................................
*  އެއްވަމުން: (ޕެރެގްރާފު:4): ............................................................
*  އަންގައިދެނީ/ ދައްކައިދެނީ (ޕެރެގްރާފު:5): ................................................

No comments:

Post a Comment